ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަވަހާރަވީ ނޫން ކަމަށާއި، އަވަހާރަކޮށްލީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ތުހުމަތުކުރައްވައިފިއެވެ.
މީގެ 7 އަހަރު ކުރިން އަވަހާރަވި އަބްދުލްމަޖީދު އަވަހާރަކޮށްލާފައި ވާކަމަށް ތުހުމަތުކޮށް މިއަދު އެކްސްގައި އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހާ ދުވަހު ހިތުގައި އުފެދިފައިވާ ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށެވެ.
ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ދީނީ އިލްމްވެރިޔާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވީ މެއި 22، 2018 ގައި ސްރީލަންކާގައި ހުންނަވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޑރ. މަޖީދު އަވަހާރަވިއިރު އުމުރުފުޅަކީ 55 އަހަރެވެ.
އަބްދުލްމަޖީދު އަވަހާރަވިތާ 7 އަހަރުވެފައިވާއިރު، މީގެ ކުރިން މިފަދަ އެއްވެސް ތުހުމަތެއް އެއްވެސް ފަރާތަކުން ކޮށްފައެއް ނެތެވެ. އިމްރާނަކީ މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްގައި އެކިއެކި ފަރާތްތަކަށް ތުހުމަތު ކުރެއްވުމުގެ މާޒީއެއް އޮތް ބޭފުޅެކެވެ.
އެގޮތުން 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ" ގައި އިމްރާން ވަނީ އޭރު މިނިވަން ނޫހުގެ ނޫސްވެރިއެއް ކަމަށް ވާ އަހުމަދު ރިޟްވާން ގެއްލުވާލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފަހުން އިމްރާން ވަނީ މި ވާހަކަތަކާއި ގުޅޭގޮތުން ތަފާތު ބަޔާންތައް ދެއްވާފައެވެ.
ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަވަހާރަކޮށްލީ ކަމަށް ތުހުމަތުކުރައްވާ އިމްރާން ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވަނީ ވިދާޅުވެފައެވެ.
އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުހުތާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ބާރީ ދުނިޔޭގައި ހުންނެވިއިރު ވެސް ފިތުނައަށް ޖާގަ ނުދެއްވަން އަބަދުވެސް މަސައްކަތް ކުރެއްވި ކަމަށާއި އިމްރާން ދެއްކެވި ވާހަކަތަކަކީ ސިޔާސީ މުޑުދާރު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އިމްރާން މާފަށް އެދެން ޖެހޭ ކަމަށް މުހުތާޒު ވަނީ ވިދާޅުވެފައެވެ.
މުހުތާޒް ވިދާޅުވި ގޮތުގައި އިމްރާން ވަނީ އެތަކެއް ރައްޔިތުންގެ ކުރިމަތީ ކަރުދާސްތަކެއް ދައްކަވައި، މަރުހޫމް ޑރ. އަފްރަޝީމްގެ ގާތިލުންނާ ބެހޭ ހެކި މިހިރީކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފަހުން ދާޚިލީ ވުޒާރާގައި ވަޒީރުކަމުގެ ދައުރު ފުރިހަމަކުރެއްވި އިރު އެ ހެކި ވެސް ވެގެން ދިޔައީ މިހާރު އެ ފަތުރާ ފަދަ ފިތުނައަކަށް ކަމަށް މުހުތާޒް ވަނީ ވިދާޅުވެފައެވެ.