އާމިނަތު މުސާ އާންމުނަމުން ނަމަ ( އައިންތު) އަކީ ދިވެހި ޗެނަލްގައި ސިނީއަރ ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަދި ޕްރޮގްރާމް ޕްރޮޑިއުސްކޮށް ޕްރެޒެންޓުކުރާ ހިތްވަރުގަދަ ނަމޫނާ މުވައްޒަފެކެވެ. އައިންތު ނޫސްވެރިކަން އިހްތިޔާރު ކުރުމަށްފަހު މިވީ އަހަރުތަކުގައި އޭނާގެ ކެރިއަރ ކުރިއެރުވުމަށް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އައިންތު މީޑިއާދާއިރާއަށް ނުކުތީ 2014 ވަނަ އަހަރެވެ.
ސުކޫލް ދައުރު ނިންމާލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން ތައުލީމް ހާސިލް ކުރުމަށްފަހު، ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް ކިޔަވަމުން ސަން މީޑިއާގައި މަސައްކަތްކުރުމަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި 2017 ވަނަ އަހަރު ނޫސްވެރިއެއްގެ ގޮތުގައި އައިންތު މަސައްކަތްފެށިއެވެ. ޕީއެސްއެމްގައި އުޅެމުން އައިންތު ވަނީ ޖަރނަލިޒަމް ކޯސް ފުރިހަމަ ކޮށްފައެވެ. ޕީއެސްމްގައި ނޫސްވެރިއެއްގެ ގޮތުގައި އައިންތު މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ ޕިއެސްއެމް ނިއުސްގައި ޚަބަރު ހުށަހެޅުމުގެ މަސައްކަތްވެސްކޮށްފައެވެ. ޕީއެސްއެމްގައި ޖުމްލަ 5 އަހަރު ހޭދަކޮށްފައިވާއިރު އޭރު އޭނާ ވަނީ ވިޔަފާރީގެ ދާއިރާގެ ޙަބަރުތައް ކަވަރ ކޮށްފައެވެ. އެއަށްފަހު ޕީއެސްްްއެމް ނިއުސްގެ ޕްރޮޑަކްޝަން ޓީމުގައިވެސް މަސައްކަތްކޮށްފައިވެއެވެ.

ދިވެހިޗެނަލްގެ ވީޑިއޯ ޖަރނަލިސްޓް އާމިނަތު މޫސާ /ފޮޓޯ: ދިވެހިޗެނަލް، އަލީ ފާރިޝް
ދިވެހި ޗެނަލުގެ ޓީމާ އައިންތު ގުޅުނީ 2023 ވަނަ އަހަރުގައެވެ. ދިވެހިޗެނަލްގައި އައިންތުގެ މަސައްކަތަކީ ޚަބަރު ލިޔެ ތައްޔާރުކުރުމާއި، އޭގެއިތުރުން ޕްރޮގުރާމް ޕްރޮޑިއުސްކުރުމާއި ޕްރޮގްރާމް ހުށަހެޅުމެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޯމަދުވަހުގެ ރޭ ގެންނަ ޤާނޫނީ ވެރިކަން އެއީ އައިންތު ޕްރޮޑިއުސްކޮސް ޕްރެޒެންޓްކުރާ ޕްރޮގްރާމެކެވެ. އެއީ ވަރަށް ގިނަބައެއްގެ ތަރުހީބު އެއަށްލިބޭ ކާމިޔާބު ޕްރޮގްރާމެކެވެ. ގާނޫނީ ވެރިކަން ޕްރޮގްރާމުގައި ކޮންމެ ހަފްތާއަކުވެސް ތަފާތު މައުޟޫއަކަށް ވާހަކަދައްކާއިރު އައިންތުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޕްފޮގްރާމުގެ ޒަރީއާއިން، އާންމުންނަށް މުހިންމު، ބޭނުންތެރި ޤާނޫނީ މައުލޫމާތު ފޯރު ކޮށްދެވުމެވެ.
އަންގާރަދުވަހުގެ ރޭ ގެންނަ މީހުން ޕްރޮގްރާމަކީވެސް އައިންތު ޕްރޮޑިއުސްކުރާ ޕްރޮގްރާމެކެވެ. އޭގެއިތުރުން ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމާއި ރަތްވިލާ ޕްރޮގްރާމް ހުށަހަޅައިދިނުމުގެ އިތުރުން އިވެންޓްތައް ކަވަރ ކުރުމުގައި އައިންތު ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ.
އައިންތު އަކީ އޭނާގެ ބިޒީ ޝެޑިއުލުން އެހެންމީހުންނަށް ވަގުތު ހުސްކޮށް އެހީތެރިވެދޭ އަދި މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާތެރި މުވައްޒަފެކެވެ. އައިންތުގެ އުންމީދަކީ ނޫސްވެރިކަމުގެ ދާއިރާގައި، ދެވެން އޮތް އެންމެ އުހަކަށް، މަޑުޖެހުމެއްނެތި ދިއުމެވެ.


