logo

އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލިހުން ފާސްކޮށްފި

އާމިނަތު މޫސާ
18 ގަޑިއިރު ކުރިން

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބަޖެޓު ފާސްކުރީ ބަޖެޓުގެ ޖުމްލަ އަދަދަށް ބޮޑު އުނިއިތުރެއް ނުގެނެސް، ބަޖެޓު ދިރާސާކުރި ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކުގައެވެ. ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި 74 މެންބަރުން ބަޖެޓަށް ތާއީދުކުރެއްވިއިރު، 12 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ ކަމަށްވިޔަސް، ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރު
އަނބުރާ ދައްކަންޖެހޭ ދަރަނި ނުހިމަނައި ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ. މިއީ މިހާރު ހިނގަމުން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު ކުޑަ ބަޖެޓެކެވެ.

ބަޖެޓު ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓަށް މެންބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެ ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ މި ބަޖެޓަކީ ގައުމުގެ ދަރަނި އިތުރުކުރާނެ ބަޖެޓެއް ކަމަށާއި އާމްދަނީއަށްވުރެ ރިކަރަންޓު ހަރަދު ބޮޑު ކަމަށެވެ. އަދި ބަޖެޓުގައި ބައެއް މަޝްރޫއުތައް ނުހިމަނާކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް މި ބަޖެޓަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރެވޭނެ ވަރުގެ ރަނގަޅު ބަޖެޓެއް ކަމުގައި ޕީއެންސީ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 ރުފިޔާއެވެ. މި ބަޖެޓުގައި 40.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓު ނުވަ ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެއެވެ.

ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށްވާ 9.3 ބިލިޔަން ރުފިޔާ، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ހިމަނާފައެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓަށް އުނިއިތުރުވުމެއް ނާންނަގޮތަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. މި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓަށް 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީން ވަނީ އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅުއްވާފައެވެ. އެގޮތުން، އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ އެ މިނިސްޓްރީން ވަނީ މަޖިލީހަށް ދީފައެވެ.

ad