"ގްލޯބަލް ސުމުދް ފްލޮޓިލާ" ގާފިލާ، ޣައްޒާގެ ހިސާރު ފޫއަޅުވާލާނޭ ކަމަށް ބެލެވެން ފަށައިފިއެވެ.
އިސްތިއުމާރީ އިސްރާއީލު ސިފައިންގެ ހުރަސްއެޅުންތަކާ އެކުވެސް، ގާފިލާގައި ހިމެނޭ ބޯޓެއް މިހާރުވަނީ ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައެވެ.
ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ "މިކެނޯ" ނަމަކަށްކިޔާ ބޯޓެކެވެ. އޭގެ ފަހަތުން އިތުރު ބޯޓުތައްވެސް ޣައްޒާ ކަނޑުގެ ސަރަހައްދާ ގާތްވަމުން އަންނަ ކަމަށް، ރާޑަރުތަކުން ދައްކައެވެ.
ޣައްޒާގެ ގަޑިން ހެނދުނު 9 ޖެހިއިރު، އިސްތިއުމާރީ ސިފައިންވަނީ 21 ބޯޓަކަށް ހުރަސްއަޅައި ހުއްޓުވާފައެވެ. އަދި އިތުރު ބޯޓުތައް ހުއްޓުވަން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެހެން ނަމަވެސް، ގާފިލާގައި ދެން ހިމެނޭ 24 ބޯޓު އޭގެ މިސްރާބަށް ދަތުރުކުރަމުންދާ ކަމަށް، ގާފިލާ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
"ގްލޯބަލް ސުމުދް ފްލޮޓިލާ" އިން އިއްޔެ ބުނެފައިވަނީ، ހުރަސްތަކެއް ކުރިމަތިނުވާ ނަމަ ޣައްޒާގެ ގަޑިން ހެނދުނު 10 ޖަހާއިރު، ޣައްޒާގެ އައްސޭރިފަށަށް ގާފިލާ ފޯރާނޭ ކަމަށެވެ.
ޣައްޒާގެ ގަޑިން 9 ޖެހިއިރު، އެއް ބޯޓު ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައި ވާއިރު، އިތުރު ބޯޓުތަކެއް މިވަނީ ޣައްޒާއާ ވަރަށް ގާތަށް ދަތުރުކޮށްފައެވެ.
އިސްތިއުމާރީ އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫ، އޭނާގެ ޓެރަރިސްޓު ސިފައިންނަށް އަމުރު ކޮށްފައިވަނީ އެއްވެސް ހާލަތެއްގައި "ގްލޯބަލް ސުމުދް ފްލޮޓިލާ" ޣައްޒާއަށް ފޯރައިގެން ނުވާނޭ ކަމަށެވެ.
"ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހުރީ ޣައްޒާގެ ތުއްތު ކުދިންނަށް ދޭން ގެންނަ ބުއްދަޅުތަކާއި، ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ ސާމާނެވެ.
އިސްތިއުމާރީ ބާރުން ޣައްޒާ ވަށައިގެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން މީހުން ބަނޑަށް މަރުވާން ފަށާފައި ވެއެވެ. މުޖުރިމު ނަތަންޔާހޫ އަންގަނީ އެއްވެސް ހާލެއްގައި އެހީގެ ސާމާނު އެތެރެވިޔަ ދީގެން ނުވާނޭ ކަމަށެވެ.
އިސްތިއުމާރީ ސިފައިން "ގްލޯބަލް ސުމުދް ފްލޮޓިލާ"، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، ބޯޓުތަކަށް ހަމަލާދީ ގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރާން ފެށުމުން އެކަމާ ދެކޮޅު ހަދައި ނުރުހުން ފާޅުކުރުމުގެ މުޒާހަރާތައް މުޅި ދުނިޔޭގައި މިހާރުވަނީ ފެށިފައެވެ.
އެގޮތުން، ޔޫރަޕްގެ ގައުމުތަކާއި، އެފްރިކާ އަދި މެދުއިރުމައްޗާއި، އޭޝިޔާގެ ގައުމުތަކުގެ އާންމުންވެސް މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައި ވެއެވެ.