logo

15 ރަށެއްގެ ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.

15 ރަށެއްގައި ލެބޯޓަރީ ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެޚިދުމަތް ޤާއިމްކުރުމަށް ޞިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލެބޯޓަރީ އިމާރާތް ތަރައްޤީކުރަން ހުޅުވާލި ރަށްތައް:

  1. ށ. ގޮއިދޫ
  2. ހއ. މުރައިދޫ
  3. ހދ. ކުމުންދޫ
  4. ހދ. ނައިވާދޫ
  5. ތ. އޮމަދޫ
  6. ތ. ގާދިއްފުށި
  7. އދ. ދިއްދޫ
  8. މ. ރަތްމަންދޫ
  9. ލ. މުންޑޫ
  10. ލ. ކުނަހަންދޫ
  11. ރ. ފައިނު
  12. ނ. ކުޑަފަރި
  13. ނ. ފޮއްދޫ
  14. ބ. ކުޑަރިކިލު
  15. ބ. ދޮންފަނު

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު ޞިއްޙީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 10 ޖޫން 2026 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން މެއިލްކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ އެދިފައެވެ.

ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ad