logo

މަޖިލީހުގެ ނައިބު ރައީސް މަޤާމުން ނާޒިމް ވަކިކުރުމުގެ ގަރާރު ހުށަހަޅައިފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހުން ކުރެއްވި ޕޯސްޓެއްގައި ބުނީ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރިނުވެވޭނެއެވެ.
މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. ނައިބު ރައީސް ވަކިކުރެވޭނީ މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގެ ނައިބު ރައީސް ޖަވާބުދާރީވެވަޑައިގަތުމަށް 14 ދުވަހުގެ މުއްދަތެއް ލިބެއެވެ.

މިފަދަ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިދުބުނެއެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ.

ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ 28 މެއި 2024 ގަ އެވެ. އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވިއެވެ. ނާޒިމާއެކު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ނާޒިމް ވަނީ މީގެކުރިން 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

ad