އެއާ ކޯގެ ހިދުމަތް ފެށި ފަހުން ގަވާއިދާ ހިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް އެތެރެވާ ކަނޑު އުޅަނދުފަހަރު މަދުވެއްޖެކަމަށް، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ މި ހިދުމަތާއިއެކު ރާއްޖެއަށް ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި ޤާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް އަތުލައިގަތުމުގެ ހުރިހައި އޮޕަރޭޝަންއެއްގައިވެސް ޑްރޯން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާ ސިޔާސަތުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ އުތުރުގައާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމްކުރުމަށްކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އައްޑޫ ގަމުގައި ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އެއަރ ސްޓޭޝަންއެއް ޤާއިމްކުރެވި، އެތަނުން އޮޕަރޭޝަންތައް މިހާރު ކޮންމެ ދުވަހަކުހެން ހިންގަމުންދާކަމަށާއި އެތަނުން ރާއްޖޭގެ އެންމެ ދެކުނުގެ ސަރަޙައްދުތަކާއި ހަމައަށް، 200 ނޯޓިކަލް މޭލު ބޭރަށް އުޅަނދުފަހަރު ބޭނުންކޮށްގެން ސަރވޭލަންސް މަސައްކަތް ކުރެވެމުންދާކަމަށް ޣައްސާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި ޤާއިމުކުރާ އެއަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާނެކަމަށާއި އެ އެއަރ ސްޓޭޝަން ޤާއިމުކުރަނީ ށ. އަތޮޅު ފުނަދޫގައި ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ޚިދުމަތް ފެށުމަށް ރައީސް ނެރުއްވި ޤަރާރުގައި ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
އަދި ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށްވެސް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯ އުފެއްދެވީ 15 މާރިޗު 2024 ގައި ހާއްސަ ޤަރާރަކުންނެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން "ގަން އެއަރ ސްޓޭޝަން" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.

