ގައުމު ސަލާމަތް ކުރެވޭނީ ރައީސް މުއިއްޒަށް ތާއިދު ކުރައްވާ ޕީއެންސީގެ މެންބަރުންނަަށް ވޯޓު ދެއްވައިގެން، ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފާރެާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީގައި ޖުމްހޫރީ ޕާޓީން ކުރިއަށްދާ އިންތިޚާބު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށެވެ. ޤައުމު ސަލާމަތް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރަން ނިންމީ ރައްޔިތުންގެ ކުރިއެރުމާއި، ތަރައްޤީއާއި ހަމަޖެހުން ނަގާލަން ފުރުޞަތު ނުދިނުމަށްޓަކައި ކަމަށެވެ. އަދި ރަށަށާއި ޤައުމަށް ކުރިއެރުން އަންނާނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން ފާހަގަ ކުރެއްވީ ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން ކަމަށާއި، ޚާއްޞަކޮށް، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށާއި، ބޭނުންހާ ވާހަކައެއް ދައްކައި ޤާނޫނާ ޚިލާފު ކަންކަން ކުރަން ރައީސް ޖާގަ ދެއްވައިގެން ނުވާނެކަމަށެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ކުރިމަތިލައްވާފައި ތިބި ހުރިހާ އެންމެންނަށް ތާއިދު ކުރައްވައިގެން، ރާއްޖޭގެ އިސްތިގުލާލު އަމާންކަމާއި އޮމާން ކަމާއި ހަމަހަމަ ކަމާއެކު އޮންނާނެ ގޮތަށް ހިޔާރު ކުރެއްވުމަށް އެދޭ ކަަމަށާއި، ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ވާންވީ ކިހިނެއްތޯ، އިގްތިސާދު ހަމަޖައްސަން ހަދަންވީ ކިހިނެއްްތޯ، ކުރިއެރެން ލިބެން އޮތީ ތަސައްރަފު އެކަމެއްގެ މައްޗަށް ފުދޭ ބަޔަކު ކަމެއް ކުރަން ނުކުމެ އެކަމެއް ކުރުމުން ކުރިއަރައިދާނެ ކަމަށެވެ.
އެއްވެސް ތަނެއްގައި ކަމެއް ކުރިއަރާ ދަނީ، އެކަމެއް ކުރަން ތިބި ބައެއްގެ ގާބިލްކަމުގެ ސަބަބުން ކަމަށާއި، އެބައެއްގެ ހުރި ކެރިފޯރުންތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެ ބައެއްގެ ތަސައްރަފު އެކަމެއްގެ މައްޗަށް ފުދޭ ބަޔަކު ކަމެއް ކުރަން ނުކުމެ އެކަމެއް ކުރީމަ، އެހެން ނޫން ކަމަށް ވަންޏާ އެކަމެއް ހާސިލެއް ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

