ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގައި އިމާރާތް ކުރާ ފްލެޓްތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައިކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 1،224 ޔުނިޓް އިމާރާތްކުރުމުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅާފައެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ މަގުސަދުތައް ހާސިލްކުރުމަށް ބީއެމްއެލް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ ކުލި އަދި ފައިނަލް ވެފައި ނެތް ނަމަވެސް، މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު އެ އެޕާޓްމަންޓުތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000ރުފިޔާގައި ކަމަށެވެ. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގު އުޅެނީ 25،000 ރުފިޔާއާއި 30،000 ރުފިޔާއާއި ދެމެދުގައިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ފްލެޓުތައް 10،000ރުފިޔާ އަށް ދޫކުރެވުމަކީ ރައްޔިތުންނަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 3،260 ފްލެޓު އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.
ބީއެމްއެލްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫޢު
- • ހުޅުމާލެ ފޭސް 3: 1224 ހައުސިން ޔުނިޓް (ސީއެމްއީސީ)
- • ހުޅުމާލެ ފޭސް 3: 1190 ހައުސިން ޔުނިޓް (ބީޔޫސީޖީ)
- • ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް (އަމީން ކޮންސްޓްރަކްޝަން)
- • ހުޅުމާލެ ފޭސް 1: 182 ހައުސިން ޔުނިޓް (އެފް ޑަންލިއު ކޮންސްޓްރަކްޝަން)
- • ވިލިމާލެ: 300 ހައުސިން ޔުނިޓް (ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން)
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓްތައް އާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ "ލީސް-ޓު-އޯން" ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ މޮޑެލްގެ ދަށުންނެވެ. މިއީ ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
ބީއެމްއެލްގެ އަމާޒަކީ މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލުމެވެ.

