ހޫނުގަދަވުމުގެ ސަބަބުން ސްކޫލުތަކަށް ކުދީން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފިއެވެ.
މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ. އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. ކޮންމެ ދުވަހެއްގެވެސް އެންމެ ހޫނު ގަދަ ގަޑިތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.
ސުކޫލުތަކުގެ ގަވާއިދު އޮންނަ ގޮތުން ދަރިވަރުން ވަކި ދުވަސްތަކެއްގައި ލާންޖެހެނީ ރަސްމީ ޔުނީފޯމެވެ. ރަސްމީ ޔުނީފޯމާއެކު ސްކާޓް އަދި ހަރުވާޅާއެކު ޓައީވެސް އަޅާން ޖެހޭއިރު، މި ގަދަ ހޫނުގައި، ދަރިވަރުންގެ ތަކުލީފު ކުޑަ ކުރުމުގެ ގޮތުން ހުރިހާ ދުވަހަކުވެސް އެކްޓިވިޓީ ޔުނީފޯމުލާން ވަނީ އަންގާފައެވެ.
އަދި ސުކޫލުތަކުގެ މެނޭޖުމަންޓުން ވަކި ގޮތެއް އަންގަންދެން ދަރިވަރުން އެގޮތުގެ މަތީން ޢަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.
އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން އެޗްޕީއެއިން ވަނީ ފާހަގަކޮށްފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެޅުމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެކެވެ. ނަމަވެސް މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ވަކިން ހޫނު ގަދަކަމަށް އާއްމުން ފާހަގަކުރެއެވެ. ހޫނު ގަދަވުމާއި، ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން ގިނަ ރަށްރަށުގެ ބިންގަނޑުވެސް ވަރަށް ހިރަފުސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

