logo

ރިޕޯޓް: ވާނުވާ ބަންދު - ދެންވާނީ ކިހިނެއް؟

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ދުވަސް ކުރިން

ވާނުވާ ބަންދު މިހެން ބުނީމާ ހިތަށްއަރަނީ ފުރަތަމަވެސް މިއީ ކޮންކަހަކަހަލަ ބަންދެއްގެ ވާހަކައެއް ބާއެވެ. "ވާނުވާ" ދިވެހި ބަހުންވެސް އެނގޭ ގޮތުގަ މިއީ ކޮންމެވެސް ކަމެއް ވެގެންއުޅޭ ގޮތެއް ނޭނގިގެންއުޅޭ ވާހަކައެވެ. މި ބަންދުގަވެސް ރާއްޖޭގެ ވަރަށްގިނަ މީހުން ބަންދުވެފަ އެބަތިއްބެވެ.

ސުވާލަކީ މި ބަންދަށް މީހުން ދަނީ ކީއްވެ ހެއްޔެވެ؟ ކޮންކަމެއް ކޮށްގެންހެއްޔެވެ. އަދި އެ ބަންދަށް ދިޔައިމަ ވާނީ ކިހިނެތް ހެއްޔެވެ. ދަންނަވަންތޯއެވެ. މިއީ ރާއްޖޭގޭ ޖަލުތަކުގައި މިހާރު ދެމުންއަނަން އަދަބުތަކުގެ ތެރެއިން، ވާގޮތެއް، ވާންވީ ގޮތެއް، ނެނގޭ ބަންދެއްގެ ވާހަކައެވެ. އެހެންވީމަ ކިހާ އަނިޔާވެރި ބަންދަކަށް ވާނެތޯއެވެ. މިފަދަ މީހުން ބަންދުގެ މުއްދަތު ގުނަމުންދާއިރު ވަކި މުއްދަތެއް ނެތް ގޮތަށް ތަނެއްގެ ތެރޭ ބަންދުގަ ތިބޭތިބުން ނިކަން ހިތަށް ސިފަކޮށްލަމާތޯއެވެ. މީހަކު ބަންދަށްދާ ހިސާބުން އޭނާގެ މައްޗަށް ކުށް ސާބިތުވަންދެން ވަކި މުއްދަތެއް ނެތް ގޮތަށް ބެހެއްޓޭ ބެހެއްޓުމަށް ވާނުވާ ބަންދޭކިޔާއިރު އޭނާ އަށްވުރެ ބޮޑަށް އޭނާގެ އާއިލާވެސް ވާނުވާ ބަންދަށް ހުށަހެޅި ނަފްސާނީ ބަލީގެ ވޭނަކަށްވެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވާތަން ވަނީ ފެނިގެން ގޮސްފައެވެ.

މި ބަންދުގައި ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި މުޖުރިމުންވެސް އެބަތިއްބެވެ. ނަމަވެސް ކުށެއްނެތް މައުސޫމް އެތައްބަޔަކު ފްރޭމް ކުރެވި ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި ތިބިތިބުމަކީ ވެސް ވަރަށްގިނަބަޔެއްގެ ކަންބޮޑުވުމެއްކަމަށް ބުނެ ގިނަބަޔަކުދަނީ އަޑުއުފުލަމުންނެވެ. މިގޮތަށް ވާނުވާއެއް ނޭނގޭ ގޮތަށް މިހާރުވެސް ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި 300 އަށްވުރެ ގިނަ ބަންދުމީހުން އެބަތިބިކަމަށް ދައުލަތުގެ އިދާރާތަކުން ހާމަވާން ހުރި މަޢުލޫމާތުން އެނގެންއޮތްއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ ޖިނާއީ ބޮޑެތި ކުށްތަކުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވިގެން ބަންދުކޮށްފައިވާ މީހުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރެކޯޑުތައް ބުނާ ގޮތުން ޝަރީއަތް ނިމެންދެން ތިބި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމާއި، މީހުން މެރުމާއި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގޭންގު މާރާމާރީ ހިންގުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަދި ޓެރަރިޒަމްގެ އަމަލުތަކުގެ ތުހުމަތުވާ ފަރާތްތަކާއި، އެއްޖިންސުން ގުޅުންހިންގުންފަދަ ބޮޑެތި މައްސަލަތަކުގައި ތިބި ފަރާތްތަކެވެ. މިއީ ޤާނޫނީ އުޤޫބާތަށާއި ޖިނާއީ އިޖުރާތަށް ބަލާއިރުވެސް އެންމެ ބޮޑެތި ކުށްކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭކުށްތަކެވެ. މިމީހުން ވާނުވާއަށް ލާފައިވަނީ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފަތިބީ ޖިނާއީ އިޖުރާއަތު ޤާނޫނުގައި ބަޔާންކުރާ ހާލަތްތަކަށްފެތި ނުވަތަ އެ ހާލަތަކުން ކުރެ ހާލަތަކަށް ފެތޭކަމަށް ފަނޑިޔާރަކު ކަނޑައެޅުމާގުޅިގެންނެވެ.

މި ރިޕޯޓްގަ އަޅުގަނޑު މި ބަލާލަނީ ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި މުޖުރިމުން ތިބި ނަމަވެސް ކުށެއްނެތް މައުސޫމް އެތައްބަޔަކު ފްރޭމް ކުރެވި ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި ތިބިތިބުމަކީ ކަންބޮޑުވުމެއްކަމަށް ބުނެ ގިނަބަޔަކު އަޑުއުފުލަމުންދާތީ އެކަމަށް.

ކުށްވެރިންގެ ވާހަކަ އިހަށް ބަހައްޓާފަ ކުށެއްނެތް މައުސޫމް އެތައްބަޔަކު ފްރޭމް ކުރެވި ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި ތިބިތިބުމާއި ގުޅޭގޮތުން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބައޮތް ކަމަށްދެކެމެވެ. އާދެ! މިއަޑުތަކަކީ އަހާލަން ފަސޭހަ އަޑުތަކެއްނޫނެވެ. ދައްކަން ފަސޭހަ ވާހަކަތަކެއްނޫނެވެ. އެތައްބައެއްގެ ކަންބޮޑުވުން އޮތް ކަމަކީ ބޭސްފަރުވާ ރަނގަޅަށް ނުލިބޭ ކަމަށް ބުނުމެވެ. ރަނގަޅު ކާނެ އެއްޗެއް ޖަލުގަ ނުލިބޭ ކަމަށް ބުނުމެވެ.

ވާނުވާ ބަންދުގަ ހުރި މީހެއްގެ އާއިލާ މީހަކު ދިވެހިޗެނެލަށް ކިޔައިދިނެވެ. "އަހަރެން ގެ ބޭބެ އޮތީ ބަންދުގަ 2 އަހަރުވަނީ ދަތެއްގަ ރިއްސާތީ. އަޅާނެ ވޭނާއި، ވާނެ ގޮތް ވިސްނާލީމަ އެނގޭނެ. ފަރުވާ އެއް ރަނގަޅަށް ނުލިބޭ. ޑޮކްޓަރު އަންނަނީ އެތައް ދުވަހެއް ފަހުން. ކޮންމެ ބައްޔެއްވެގެންވެސް ދެނީ އެންޓިބަޔޮޓިކް. އެންޓިބަޔޮޓިކް ކައިކައި ތިބެ މީހާ ހަލާކުވަނީ. މެޔަށް ތަދުވެގެން ޑޮކްޓަރެއްގެ އެހީއަށް އެދޭތާ އަހަރެއްގެ ފަހުން ޑޮކްޓަރެއްގެ އެހީ ބޭބެ އަށް ލިބުނީ"

އަދިވެސް މިފަދަ އެތައް ވާހަކަތަކެވެ. މަންމައަކު ކިޔައިދިނެވެ.

"އަހަރެންގެ ދަރިފުޅަކީ ކުށުގެ ރެކޯޑް އޮންނަ ކުއްޖެއްނޫން. ފްރޭމް ކޮށްގެން ދަރިފުޅު ވާނުވާގަ އޮންނަތާވީ މިހާރު ތިން އަހަރު. ރައްޓެއްސަކު ބުނެގެން ޕާރުސަލެއް ނަގަންދިޔައީ އެއީ ކޯއްޗެއް ކަން ނޭނގި އެކަމަކު ދަރިފުޅު އެ ނަގަން ދިޔަތަނުން ފުލުހުން އޭނާ ހައްޔަރުކުރީ. އެދަރިއަށް ބައްދަލުކުރަން ފުރުސަތުލިބޭ އިރު ކެތްނުވޭ. ބައްދާލާފަ ލޮލުން ކަރުނަ އޮހޮރުން ނޫން ކަމެއް ނުވޭ."

އެހެން މަންމަ އަކު އޭނާގެ ވާނުވާ ބަންދުގަ ހުރި ދަރިފުޅުގެ ވާހަކަ ދިވެހި ޗެނެލަށް ކިޔައިދެމުން ބުންޏެވެ. "އަހަރެންގެ ދަރިފުޅު މާލެ އަށް އަހަރެން ފޮނުވީ ވަޒީފާއަށް. އެދަރިފުޅު މިހާރު އޮތީ ވާނުވާގަ ޖަލުގަ. އޭނާގެ ރައްޓެހިން ބުނެގެން އެއާރޕޯޓް އޮތް އެއްޗެއް ނަގަން ދިޔައީ. ފޮށިގަނޑު ނަގަނިކޮށް ފުލުހުން އައިސް އަތުލީ. އަހަންނަކީ ނިކަމެއްޗެއް. އެކަނިހުރި އަންހެނެއް. ލޯޔަރެއް ނެގޭނެހާ ފެންވަރެއްނެތް. އެއީ އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރި. ޖަލުގަ އޮންނައިރު ބައްދަލުކުރަންދެވޭ. އެކަމަކު ރޯލުން ނޫން އެހެން އެއްވެސް ކަމެއްނެތް. އެއީ ސީދާ ފްރޭމެއް. ދަރިފުޅު ސަލާމަތް ކޮށްދޭން އެހީވެދީ."

މި ރިޕޯޓަށް މައުލޫމާތު ހޯދަމުންދިޔައިރު އެމަންމަމެންނާއި ދައްތަމެންގެ ލޮލުން ފޭދެމުންދިޔަ ކަރުނަތައް ބަލަން އަޅުގަނޑަށްވެސް ހުރެވެނީއެއްނޫނެވެ. އަޅުގަނޑު ހިތަށްއެރީ ހުކުމްކޮށްނުލާ އޮންނަނީ ކީއްވެހެއްޔެވެ؟

މި މައްސަލައަށް ބަލާލާއިރު، ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ޖަލުތަކުގެ މީހުން ގިނަވެގެން ގޮސް ދެ މީހަކަށް ހަދާފަހުންނަ ގޮޅިތަކަށް ފަސްމީހުން ލާފަ އެބަ ބަހައްޓައެވެ. ޖަލުތަކުގެ ހަގީގަތްއެގޭ މީހަކު ކިޔައިދިނީ އޭގެ ސަބަބުން ބަލިތައް ގިނަވުމާއި، ޖަލުގަ ސްޕޭސް ނެތުމުގެ ސަބަބުން ވާނުވާއަށް ގެންދާ މީހުން ކުށްވެރިން ހުކުމް ކޮށްފައިވާ މީހުންނާއި އެއްތަނެއްގަ ގެންގުޅެމުންދާކަމާއި، އޭގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރިމަތިވެ އެހެނިހެން ކުށްތަކަށް ވެސް އަރަން މެދުވެރިވާ ކަމަށެވެ. އަދި ބައެއް މައުލޫމާތަކަށް ބަލާއިރު، ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުން ޓެގްގަ ދޫކުރަން ބޭނުންވެގެން ރިކުއެސްޓްކުރާ އެއްވެސް އެސެސްމެންޓެއް ޕޮލިސް އިންޓެލިޖެންސް އިން ނުފޮނުވާކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާހަގަވެފައެވެ. މިކަންބޮޑުވުމާއެކު މައިންނާއި ދަރިން އަދި އާއިލާ ކަންބޮޑުމެއްގަ ތިބީ އެމީހުންނަށްވެސް ވާނުވާއެއްނޭނގިފައެވެ.

މިކަންބޮޑުވުންތައް މިހެން އޮއްވާ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ރިޔާސީ ބޮޑުވައުދެއް ވެވަޑައިގެންނެވިއެވެ. އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްވައުދަކީ ވާނުވާ ބަންދު އުވާލުމެވެ. ނަމަވެސް ވެރިކަމަށް އަހަރުތަކެއް ފާއިތުވަމުންދާއިރު، އެ ވައުދު ނުފެއްދޭ ކަމަށްބުނެ ގިނަބަޔެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މި ވާނުވާ ބަންދާ ގުޅޭ ގޮތުން ވަރަށް ގިނަބަޔަކު ކަންބޮޑުވުންތައް އޮވެ އަޑުއުފުލަމުންދާއިރު އެކަމަށް ރައީސް ވަނީ ވަރަށް ފުރިހަމައަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އެކަމަށް އެމަނިކުފާނު ވިދާޅުވީ އެ ބަންދު އުވާލެވޭނެ ހާލަތްތަކެއް ހުންނާނެ ކަމަށެވެ. އަދި މީގެ ކުރިން ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ސިލްސިލާ ޕްރޮގްރާމެއްގަ ރައީސްގެ ޖަވާބުގައި ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ގާނޫނީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި "ވާނުވާ ބަންދުގައި" ބަޔަކު ތިބެގެން ނުވާނެކަމަށާ، ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމަށެވެ.

"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް މުޢިއްޒު، ބައްދަލުވެސް ކުރެއްވިއެވެ. އެ ބައްދަލުވުމުގައި ނިންމީ "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މިހާ ހިސާބުން ވާނުވާ ބަންދުގަ ތިބި މީހުންގެ އާއިލާތަކަށް ކުޑަކުޑަ އުންމީދެއް ލިބުނެވެ. ޓެގް ގަ އެއްފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވީމައެވެ. އެކަމަކު ބަޔަކު މީހުން ދޫކޮށްފިއެވެ. އަދިވެސް އިންސާފަށް ގޮވާ އެތައްބަޔަކު ތިބިކަން ފާހަގަވެއެވެ. އެހެންކަމުން ވާނުވާބަންދުގަ ތިބި މީހުންގެ އާއިލާތަކުން އެ މީހުންގެ ވާހަކަތައް ހުއްޓާނުލައެވެ. އެމީހުން އަޑު އުފަލަމުންދަނީ ޖަލުގަ ވާނުވާގަ ތިބި މީހުން ދޫކޮށްލުމަށެވެ. ނޫނީ އިންސާފްވެރިކަމާއި އެކު ދެފުށްފެންނަ ގޮތަކަށް އެމީހުންނަށް ހުކުމް ކުރުމަށެވެ.

އެކަމަކު ބުނަންހެއްޔެވެ. 4 އަހަރުވަންދެން ވާނުވާގަ ބަންދުގައި ހުންނަ މީހާ އޭނާ އަށް މައްސަލަ ސާބިތުވެ ނުވެ ނިމިއްޖެއްޔާ އޭނާ އަށް ލިބެންޖެހޭ އިންސާފް ކޮބައިބާވައެވެ. އޭނާ އަށް ގެއްލިގެން ދިޔަ ހައްގު ކޮބައިބާވައެވެ. މިކަމަށް އިންސާފް ހޯދައިދޭނެ އިދާރާއެއް މިރާއްޖޭގަ އެބަހުރި ހެއްޔެވެ. މިއީ ހައްތާވެސް ސުވާލެވެ. އެހެންވީމަ މިކަމަށް ދައުލަތުގެ އިދާރާތަކުން ތެދުވެ އަވަސްފިޔަޅު އެޅުން މުހިންމު ކަމަށް ވާނުވާގަ ތިބި އާއިލާތަކުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

ބޮޑެތި މުޖުރިމުން ތިބެންވާނީ ގޮޅިތަކުގައެވެ. އެކަމަކު މި ބުނާ ކުށުގެ ރެކޯޑް ނެތް މީހާ ބަޔަކު ފްރޭމް ކޮށްގެން ވާނަުވާގެ ޝިކާރައކަށްހަދާ މީހާ ދޫކޮށްލެވޭނެ ނޫނީ އޭނާ އަށް ފުރުސަތު ދެވޭނެ ގޮތެއް އޮންނަންވާނެ ނޫންތޯއެވެ. އޭރުން މިގޮތަށް މީހުން ބަންދުކޮށްގެން ދައުލަތުންވެސް އުފުލާ ތަކްލީފް ކުޑަވެ ދައުލަތުގެ މާލިއްޔަތަށްވެސް މި ކުރާ ޙަރަދު ކުޑަކުރެވޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

ad