މެދުއިރުމަތީގައި އިސްރާއީލާއި، އެމެރިކާ އަދި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ލޮޅުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރަން ނިންމައިފިއެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް މި ހަމަނުޖެހުންތަކުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މެދުއިރުމަތީގެ ގައުމުތަކުންނާއި އެ ސަރަހައްދު ހުރަސްކޮށް ރާއްޖެއަށް އަންނަ ފްލައިޓްތައް ގިނަ އަދަދަކަށް ކެންސަލްވުމާ ގުޅިގެން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ޓީއެމްއޭ އިން ހާމަކުރި ގޮތުގައި، މި ދުވަސްވަރު އެ ކުންފުނިން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ.
ކުންފުނިން ބުނި ގޮތުގައި، މާލީ ގޮތުން ކުރިމަތިވެފައިވާ މި ބޮޑު ގޮންޖެހުމުން އަރައިގަތުމަށްޓަކައި މީގެ ކުރިން ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ހުއްޓާލުމާއި، ކެޕިޓަލް އެކްސްޕެންޑިޗަރ މަދުކުރުން ހިމެނެއެވެ.
ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު މާ ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން، ހަމައެކަނި އެ ފިޔަވަޅުތަކުން ކުންފުނީގެ މާލީ ހާލަތު ހަމައަކަށް ނޭޅުވޭނެތީ މުސާރައަށް ބަދަލު ގެންނަން މަޖުބޫރުވީ ކަމަށެވެ.
މި ނިންމުމުގެ ދަށުން، 1 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށް މުސާރައަށް ބަދަލު ގެނައުމަށް ޓީއެމްއޭ އިން ވަނީ ނިންމާފައެވެ. މި ފިޔަވަޅު ފުރަތަމަ ތަންފީޒު ކުރާނީ ތިން މަސް ދުވަހުގެ މުއްދަތަށް، އެއީ ޖުލައި 2026 ގެ ނިޔަލަށެވެ. ފަސިންޖަރުންގެ އަދަދު އިތުރުވެ ހާލަތު ރަނގަޅުވުމުން، އެއީ މި މުއްދަތުގެ ތެރޭގައި ނުވަތަ އެއަށްވުރެ އަވަހަށް ކަމުގައި ވިޔަސް، މުސާރަތައް އަނބުރާ 2025 ވަނަ އަހަރުގެ މިންވަރަށް ރުޖޫއަކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ޓީއެމްއޭ އިން ބުނެފައިވަނީ، މިއީ ނިންމަން ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، މުސާރައަށް އަންނަ ބަދަލަކީ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ކުރާނެ އަސަރު ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ.
ނަމަވެސް، މި ފިޔަވަޅަކީ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކުރުމަށާއި، މި ދަތި އުނދަގޫ ވަގުތުން އަރައިގަނެ، ކުންފުނީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅި ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ޓީއެމްއޭ އިން އިތުރަށް ބުނީ، ކުންފުނީގެ އަސާސަކީ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަން ކަމަށާއި، މި ދަނޑިވަޅުގައި ވެސް މުވައްޒަފުން ދައްކަމުންދާ ކެތްތެރިކަމާއި ފަންނީ ހުނަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

