ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހު ބީއެމްއެލް ހުޅުވާފައި ހުންނާނީ، ހެނދުނު 09:30 މެންދުުރު 12:30އާ ހަމައަށް ކަމަށާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އެބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ރަމަޟާންމަހުގެ މި ވަގުތުތަކުގައި ބޭންކް ހުޅުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއްވައެވެ.
ރަމަޟާންމަހު މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ޚިދުމަތްދޭ ގަޑިތަކަށް ބަލާއިރު ހެނދުނު 09:00 އިން މެންދުރުފަހު 13:00އާ ހަމައަށް ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ބީއެމްއެލާއި އެމްއައިބީން މި ރަމަޟާން މަހު ޚިދުމަތް ދޭ ގަޑިތައް ޢާންމުކޮށްފައިވާއިރު، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް ވަނީ ރޯދަމަހު ޚިދުމަތް ދޭ ގަޑިތައް ޢާންމުކޮށްފައެވެ. އެގޮތުން ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު، ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:30 އިން މެންދުރު 12:30އާ ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއްވައެވެ. އަދި ހަމަ މިވަގުތުތަކުގައި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަންނަމުންދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.
ރަމަޟާން މަހަކީ، އޮފީސްތަކުގައި މަސައްްކަތް ކުރާ ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެކެވެ. ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.


