logo

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އެވެ.

އެ ގަރާރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގައި މަސްލަހަތު ނަގާލައި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކަށް ހަރަކާތް ހިންގަމުން ގެންދާކަމަށެވެ. އަދި ގާނޫނާއި ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާކަމަށެވެ.

މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާތީ އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ބެލުމަށާއި އެފަދަ މައްސަލަތައް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މާލޭގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަނީ އެމްޑީޕީ އާއި ޕީއެންއެފުންނެވެ. ޕީއެންއެފުން ކުރާ މުޒާހަރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރޭ އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ދީފައެވެ.

ad