logo

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން ސޯޝަލް ސެންޓަރުގައި ފަށައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި ސޮއިކުރަން ފަށައިފިއެވެ.

އިންތިޚާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވަނީ، އެ މަރުކަޒު ހިންގަމުން ދިޔަ ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެންހުރި ގުދަނެއްގައި ރޯވުމާއި ގުޅިގެން އަލިފާނުގެ އަސަރު އެއިމާރާތަށް ކުރުމުންނެވެ. މި ހާދިސާއާއި ގުޅިގެން އެތަނުގެ މަސައްކަތްތައް ހުއްޓާލައި އެތަނުގައި ހުރި ލިއެކިއުންތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ބޭރުކޮށްފައެވެ. އަދި އިންތިޚާބުގެ ކަންކަން ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް މިހާރުވަނީ މަސައްކަތް ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ދަނީ ސިޔާސީ ޕާޓީތަކާއި އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. ސޯޝަލް ސެންޓަރުގައި މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތު ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އިންތިހާބުތަކަށް ބުރޫ ނާރާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ. އަދި އިންތިހާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތްވެސް އީސީން ރޭ ވަނީ ފަށާފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބާ ބެހޭ ޤާނޫނުތަކުގެ ދަށުން، ފައިނަލް ވޯޓާސް ލިސްޓަކީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކޮށް ސައްޙަކަން ކަށަވަރުކުރަންޖެހޭ ލިސްޓެކެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ ތިން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.

ad