logo

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސުޕަރ މެޖޯރިޓީ ނިޒާމު ގައުމުން ނައްތާލެވޭނެ: ރައީސް

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބޭގޮތަށް އޮތް ނިޒާމު ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ސިޔާސީ ވިސްނުމުގައި ދެ ވޯޓަކަށް ހެދުމުގެ ބަދަލުގައި އެއީ ޤައުމީ ވިސްނުމުގައި ދޭ ވޯޓަކަށް ހެދުމަށެވެ. އޭގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ގާއިމުވުމުގެ އިތުރުން ސުޕަ މެޖޯރިޓީ ނެތިގޮސް ސަރުކާރު ޖަވާބު ދާރީކުރުވުމަށް ފަސޭހަވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދެ ތާރީޙެއްގައި ބޭއްވުމުގެ ސަބަބުން ކެންޑިޑޭޓުންގެ ހަމަހަމަކަން ގެއްލިގެންދާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުން ނުކުތުމުގެ ސަބަބުން ސުޕަރ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި ގައުމީ ވިސްނުން ނުގެންގުޅޭ ބަޔަކު ވެރިކަމުގައި ތިބިނަމަ ޤައުމަށް އޭގެ ސަބަބުން ގިނަ ގެއްލުން ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރެވޭނީ އަދި ސުޕަމެޖޯރިޓީގެ ނިޒާމެއް ނެތިކޮށްލެވޭނީ ވެސް އެފަދަ މަޖިލީހެއް އޮވެގެން ކަމަށެވެ. އެއް ބާރު، އަނެއް ބާރުގެ ތެރެއަށް ވަދެގެން ގޮސް ހުރިހާ ބާރުތަކެއް މަސްހުނިވެފައި އޮންނަ ސިޔާސީ އާދަކާދަ ނައްތާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމާ ދެކޮޅު ހަދަނީ މީގެކުރިން ބާރު ލިބިގެން އެ ބާރުތައް މަސްހުނިކޮށްގެން އެގޮތުގައި ކުރިއަށް ދިޔަ މީހުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމަށާއި ޑިމޮކްރަސީ ހަގީގީ މާނައިގައި ގާއިމު ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަކީ އެންމެ ގިނަބަޔަކު ވޯޓުލާ އިންތިޚާބަށްވާއިރު މަޖިލިސް އިންތިޚާބުވެސް އެ ދުވަހުގައި ބޭއްވުމުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މަޖިލިސް މެންބަރުންވެސް ހޮވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ad