ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ކުރި އިއުލާނުގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު ކުރީން އޮތީ އަންނަ މާރިޗް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން ކުރީން ބުނި ގޮތުގައި، މި އުސޫލުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާނީ ކޮންމެ ފަރާތަކުން ވަކި އެޕްލިކޭޝަނެއް ކަމަށެވެ. ނަމަވެސް މި ދެ އުސޫލުގެ ދަށުން ޝަރުތު ފުރިހަމަވާ ދެމަފިރިންނަމަ، އެޕްލިކޭޝަން ހުށަހަޅަންވާނީ ދެމަފިރިން އެކުގައި ޖޮއިންޓް އެޕްލިކޭޝަނެކެވެ. އަދި ދެމަފިރިންގެ ތެރެއިން އެކަކު ޝަރުތު ފުރިހަމަނުވާ ބައެއް ހާލަތްތަކުގައި ޝަރުތު ފުރިހަމަވާ ފަރާތަށް ވަކި އެޕްލިކޭޝަނެއް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ފޯމު ހުށައަޅަނީ އޮންލައިންކޮށް، "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިން 4،000 ފުލެޓް ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 2،200 ފުލެޓް ދޫކުރަނީ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
އެގޮތުން ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 300 ފްލެޓް ދޫކުރާއިރު މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 500 ފްލެޓް ދޫކުރަން ވަނީ ނިންމާފަ އެވެ.
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައިވެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅާފައި ވަނީ، މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.
ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.
ފުލެޓު ނުވަތަ ގޯތީގެ މައި ކެޓަގަރީތަކުން މައި އެޕްލިކަންޓު ޝަރުތު ފުރިހަމަވާ ކެޓަގަރީއަށް ހުށަހެޅުމާއެކު މައި އެޕްލިކަންޓު ޝަރުތު ފުރިހަމަވާ ހާއްސަ ކެޓަގަރީތަކަށް ވެސް އެޕްލިކޭޝަން ހުށަހެޅިދާނެ އެވެ. ނަމަވެސް އެމީހަކަށް މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ލިބޭނީ ޝަރުތުހަމަވާ ކޮންމެވެސް އެއް ކެޓަގަރީއަކުން ކަމަށް ވުޒާރާ އިން ބުނެއެވެ.

