މުހައްމަދު ފަޒްލޫން މިޑިއާގައި މަސައްކަތްކުރާތާ ވަނީ ދެ އަހަރުވެފައެވެ. އޭނާގެ އުއްމީދުތަކާއި ހުވަފެންތައް ވަނީ މިޑިއާގެ ދާއިރާއާ ގުޅިލާމެހިފައެވެ. ފަޒްލޫން ބުނާ ގޮތުން މީޑިއާގައި މަސައްކަތް ކުރުމަކީ އަބަދުވެސް ބޭނުންވި ކަމެކެވެ.
އެ ހުވަފެން އޭނާ ވަނީ ހާސިލް ކޮށްފައެވެ. މީޑިއާގައި މަސައްކަތްކުރުމަކީ ކެރިއަރއެއް ބިނާކުރުމަށް އޭނާއަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ފަޒްލޫން ދެކެއެވެ.
ދިވެހިޗެނެލް ވީޑިއޯ ޖާނަލިސްޓް މުހައްމަދު ފަަޒްލޫން /ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް
ފަޒްލޫން މީޑިއާގައި ފުރަތަމަ މަސައްކަތްކުރީ ސަންގުޓީވީގައި ޖާނަލިސްޓެއްގެ ގޮތުގައެވެ. އެތަނުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު ދިވެހިޗެނެލާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަޒްލޫނަށް ލިބިފައިވާ ކުރިއެރުމާމެދު ވަރަށް ބޮޑަށް އުފާވާކަމަށް ފަޒްލޫން ބުންޏެވެ.
"މީޑިއާގައި މަސައްކަތް ކުރުމަކީ ވަރަށް ބުރަ ކަމެއް. ނޫސްވެރިއާގެ ބުރަ އިހުސާސްވަނީ ނޫސްވެރިކަމުގެ ލެންސުން ބެލީމަ. އިވެންޓްތައް ކަވަރ ކުރުމާއި، މުޒާހަރާ ކަވަރ ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ކުރިއަކުން ނޭނގޭ. ދުރުރުގަ ހުރެ ބަލާމީހަކަށް އަސްލުގަ ނޭނގޭނެ. އެންމެ އުފާވަނީ މައުލޫމާތު ސައްހަ ގޮތުގައި ބަޔަކަށް ފޯރު ކޮށްދެވޭތީ." ފަޒްލޫން ބުންޏެވެ.
އުމުރުން 34 އަހަރުގެ މުހައްމަދު ފަޒްލޫނަކީ ދިވެހި ޗެނެލްގެ މުޅި ނިއުސްރޫމްގެ މުހިންމު ރޯލެއް އަދާކުރާ ހިތްވަރުގަދަ ޖާނަލިސްޓެވެ. ސިނިއާ އެސިސްޓެންޓް އެޑިޓަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ ފަޒްލޫނަކީ، ނިއުސްރޫމްގައި އެކީގައި މަސައްކަތްކުރާ އެހެން ނޫސްވެރިންނަށް ހިތްވަރުދީ އެންމެންނާ ގުޅިގެން މަސައްކަތްކުރާ މީހެކެވެ.
ފަޒްލޫނު ދިވެހި ޗެނަލްގައި ކުރާ މަސައްކަތުގެ ތެރޭގައި ޚަބަރު ލިޔުމާއި ޚަބަރު ތައްޔާރުކޮށް ޙަބަރު ހުށަހަޅައިދިނުން ހިމެނެއެވެ. މޮޅު ރިޕޯޓަރެއްގެ އިތުރުން ފަޒްލޫނަކީ ޕްރޮގްރާމް ޕޮރޮޑިއުސްކޮށް ހުށަހަޅާވެސް ފަރާތެކެވެ. ފަޒްލޫން ދިވެހިޗެނަލްގެ ހަވާސާ ޕްރޮގްރާމްގެ އިތުރުން ރަތްވިލާ ޕްރޮގްރާމާއި، ފެންނަމަންޒަރާއި މަޖިލިސް އަދާހަމަ ޕްރޮގްރާމްވެސް ހުށަހަލައެވެ. ދިވެހި ޗެނަލުގައި މަޖިލީހުގެ ޚަބަރުތައް މައިގަނޑު ގޮތެއްގައި ކަވަރކުރާ ނޫސްވެރިއަކީ ފަޒްލޫނެވެ.