logo

އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލްއާ ބިން ހަވާލުކޮށްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން ބޭނުންވާ ބިން ހަވާލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު ވިދާޅުވީ ޔޮޓު މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށާއި ފުރަތަމަ ފިޔަވަހީގައި އެތަން ކުޑަކޮށް ތަރައްގީކުރި ނަމަވެސް، މުސްތަގުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެކަމަށެވެ. ކެޕްޓަން ޝަފީގު ވިދާޅުވީ، އެ ޔޮޓް މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނެ ކަމަށާއި އެ ތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެންދިއުމަކީ އުންމީދު ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ މުޙައްމަދު ވިދާޅުވީ، ޔޮޓް މެރީނާއެއް ގާއިމްވެގެން ދިއުމަކީ އުލިގަމު ރައްޔިތުން ދެކެމުން އަައި ހުވަފެނެއް ކަމަށާއި މެރީނާގެ ސަބަބުން ރަށުގެ އިގްތިސޯދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް ތަރައްގީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް70،471 އަކަމީޓަރުގެ ބިން އެމްޕީއެލްއަށް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއަކީއުލިގަމަށް އަންނަ ޔޮޓްތަކަށް ދެވޭހިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމާއި، ވިޔަފާރީގެ ހަރަކާތްތައް އިތުރުކޮށް، އިގްތިސާދީގޮތުން ބޮޑެތިކުރިއެރުންތަކެއްހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ ގިނަގުނަ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށްވެސް ފެނަކައިން ބުނެއެވެ.

މި މެރީނާ އިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ލިބިގެންދާއިރު، އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް މެރީނާއިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްއިން ވަނީ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއާ ހަވާލުކޮށްފައެވެ. އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް މި ޚިދުމަތް ފުޅާކޮށް، އިގްތިސާދީ ނަފާ ހޯދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ad