މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން، މާލެއާއި ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 7 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 68 ބިދޭސީން ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު ފާހަގަކުރެވި، އެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފއިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މިފަދަ މޮނިޓަރިންގ ޙަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޙަރަކާތެކެވެ.
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއް ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

