logo

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު އަޅަން އަލުން ބިމެއް ހޯދަނީ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ، އެ މަޝްރޫއު ހުއްޓިފައިވާތީ، އާ މަޝްރޫއުއެއް ފެށުމުގެ ތައްޔާރީތައް އެ ކުންފުނިން ވާން ފަށައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ "ހިޔާ" މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށްޓަކައި އެޗްޑީސީގެ ވެރިންނާއެކު މިހަފްތާގެ ތެރޭގައި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއާއި އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރާއި ދެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ކުރިއަށް ގެންދަން އުޅުނު މަޝްރޫއު ކުރިއަށް ނުގޮސް އޮތުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ. މުވައްޒަފުންގެ އެހިތާމަތައް ކުންފުނީގެ މެނޭޖުމަންޓުން ގަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެން ކޮށްދޭންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކުންފުނިން ދެކޭ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީން ބުނީ އަމާޒަކީ ބިން ހަމަޖެހުމާއެކު މަޝްރޫއު ވީހާވެސް އަވަހަށް ފެށުން ކަމަށެވެ. އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށްޓަކައި "ހިޔާ" ހައުސިން ސްކީމް ތައާރަފުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޯގަސްޓު 15، 2018ގައެވެ. އޭރު އެމްޓީސީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 14 ބުރީގެ ދެ ޓަވަރު އަޅާނެ އެވެ. އަދި އެ ތަނުގައި ޖުމްލަ 400 އެޕާޓްމަންޓް ހުންނާނެ ކަމަށްވެސް ބުންޏެވެ. އެކަމަކު އެ މަޝްރޫއު ހަވާލުކުރުމުގައި އެމްޓީސީސީއަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭރު ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ.

އެމްޓީސީސީން ބުނީ އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުން އެ މަޝްރޫއު ކުރިއަށްގެން ދިއުމަށް ބިމެއް ހަމަޖައްސައިދެއްވުމަށް ދެންނެވުމުން، ރައީސް މުއިއްޒު ވަނީ އެ ކަމަށް އިޖާބަދެއްވައި އެމްޓީސީސީއަށް ބިމެއް ހަމަޖައްސައިދިނުމަށް އެޗްޑީސީއަށް ސިޓީފުޅަކުން ދަންނަވައިފައި ކަމަށެވެ.

އެސީސީން ބުނި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރީ އިވެލުއޭޝަން ކްރައިޓީރިއާއަށް ހިލާފަށެވެ. އަދި އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭ ފަދަ ކަންކަން ކޮށްފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެމްޓީސީސީން އެ ކުންފުންޏަށް ފައިސާ ދިން ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި އެމްޓީސީސީން އޭރު އަމަލުކުރި ގޮތުން އެމްޓީސީސީއަށް ލިބުނު ގެއްލުމުގެ އަގު 39.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންވެ 39 މިލިއަން ރުފިޔާއާއި އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށްވެސް މިދިޔަ އަހަރުގެ ތެރޭގައި އޭސީސީން ވަނީ އެމްޓީސީސީއަށް އަންގާފަ އެވެ. އަދި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭރު ހުންނެވި ހަސަން ޝާހް ހިމެނޭ ގޮތަށް ފަސް މީހަކަށް ދައުވާކުރަންވެސް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ.

ad