logo

ޕީޖީ އޮފީހުން ޖޫން މަހު 228 މައްސަލައެއް ބަލައިގަތް

އާމިނަތު މޫސާ
ދުވަހެއް ކުރިން

މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ، އެ އޮފީހުގެ ޖޫން މަހުގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެއޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހު އެއޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ، 59.4 އިންސައްތަ އިތުރުވެފައެވެ. ޖޫން މަހު 228 މައްސަލަ ބަލައިގަނެފައިވާއިރު، މެއި މަހު އެއޮފީހުން ބަލައިގަނެފައިވަނީ 143 މައްސަލައެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ ތެރޭގައި ޖުމްލަ 265 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓުތަކަށް ވަނީ ފޮނުވާފައެވެ. މިއީ މެއި މަހު ދައުވާ ކުރުމަށް ހުށަހެޅި 263 މައްސަލައާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީޢަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު 1150 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 1207 އަށް އަރާފައެވެ.

މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ، ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުގީގީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ޕީޖީ އޮފީހުން ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ލަފާދީފައިވެއެވެ. މިއީ، 52.7 އިންސައްތަ އިތުރުވުމެކެވެ.

ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް، އަވަސް ކުރުމަށް އެއޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް ކަހަލަ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއޮފީހުން ވަނީ، ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައެވެ. އަދި އިދާރާތަކާއި ގުޅިގެން މައްސަލަތައް ހުށަހެޅޭއިރު، ދައުވާ ކުރުމަށް ހުންނަ ހުރަސްތައް ނައްތާލުމަށްވެސް އެއޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ތަފާތު އިދާރާތަކާ ގުޅިގެން މައްސަލަތައް ހުށަހެޅުމުގައި ހުންނަ ހުރަސްތައް ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ad