logo

ސިއްހީ ނިޒާމުގެ މުސްތަގުބަލު ބިނާވަނީ ތައުލީމާއި އިލްމުގެ މައްޗަށް: މިނިސްޓަރު ގީލާ

މަޒީ
17 ގަޑިއިރު ކުރިން

ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ ހަމައެކަނި އިމާރާތްކުރާ ހޮސްޕިޓަލްތަކާއި ގާއިމްކުރެވޭ ވަސީލަތްތަކުން ނޫންކަމަށާއި، އެކަމުގައި މީހުން ބިނާކޮށް ފޯރުކޮށްދެވޭ ޢިލްމުން މުހިންމު ދައުރެއް އަދާކުރާކަމަށް ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން (އައިސީއެމްއީ) 2026ގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ދަތުރު ވަރަށް ދިގު ރާސްތާއެއް ކަނޑަތުކޮށްފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމުގެ ބިންގާ އެންމެ ފުރަތަމަ އެޅިގެން ދިޔައީ 1973 ވަނަ އަހަރު، ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ރަސްމީކޮށް ތަމްރީނު ދޭން ފެށުމާ އެކުގައިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އުފެދި ކުރިއަރަމުން ދިއުމަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ޚިދުމަތްދޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު ގުޅުންތައް ގާއިމުކުރުމުގައި ގައުމީ ޔުނިވާސިޓީން މުހިންމު ދައުރެއް އަދާކުރާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ތަޢުލީމަކީ ހަމައެކަނި ގިނަ އަދަދެއްގެ ޑޮކްޓަރުން އުފެއްދުން އެކަނި ނޫން ކަމަށާއި، މުހިންމީ މުޖުތަމައުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ތަންފީޒު ކުރެވޭ ވަރުގެ ޤާބިލު މީހުން ބިނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މުސްތަގުބަލަށް ތައްޔާރުވާއިރު ސިއްޙީ ދާއިރާގެ މީހުން މިއަދު މަސައްކަތް ކުރަން ޖެހެނީ ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސާއެކުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ޕެޓާން ބަދަލުވަމުން އަންނަ ބަލިބަލީގެ ޕެޓާން އާއި، ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަމަށް މީހުން ބިނާ ކުރުން މުހިންމު ކަމަށެވެ.

ތިީމް ބޭސް ލަރނިންގ އާއި ރިސާޗް އާއި ޓެކްނޮލޮޖީގެ އެހީގައި މިދާއިރާއިން މީހުން ބިނާކުރުމުގެ މުހިންކަން ފާހަގަކުރައްވާ، ސިއްހީ ދާއިރާގެ ތައުލީމުގައި، އެޑިއުކޭޝަނަލް ރިސާޗާއި އެސެސްމެންޓް ކޯޗިން އާއި އަދި ބަދަލުވަ އަންނަ ޓެކްނޮލިޖީގެ ބޭނުން ހިފޭ ގޮތަށް މީހުން ބިނާކުރުމުގައި ގައުމީ ޔުނިވަސީޓީން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބަލިބަލިން ރައްކާތެރިވުމުގެ މުހިންމުކަމާއި، ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން އެކަމާއި ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ރައްކާތެރިވުން މުހިންމު ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ޝޭޕިންގ ދަ ފިއުޗަރ އޮފް ހެލްތް ޕްރޮފެޝަނަލްސް އެޑިއުކޭޝަން އިނޮވޭޝަން ލީޑަރޝިޕް އެންޑް އެކްސެލެންސް" މި ތީމުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި 14 ގައުމަކުން 40 އިންސްޓިޓިއުޓަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، 200 ޕޭޕަރު ހުށަހަޅާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ސިއްޙީ ދާއިރާގެ މާހިރުންނާއި އެކި ގައުމުތަކުގެ ތަޖުރިބާކާރުން ބައިވެރި، އެބޭފުޅުންގެ ދިރާސާތައް ހިއްސާ ކުރުމާއި މައުލޫމާތު ބަދަލުކުރުންތައް ކުރިޔަށްދާނެއެވެ.

ad