ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ ޑރ. ހާލާ ހަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސައުތު އެފްރިކާގެ ރައީސް މަތަމޭލާ ސިރިލް ރަމަފޯސާއަށް އަރުއްވައިފިއެވެ.
މިކަމަށް ޓަކައި ޕްރިޓޯރިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑރ. ހާލާ ހަމީދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ރައީސް ރަމަފޯސާއަށް ހެޔޮއެދުންތަކާއި ސަލާމް ރައްދުކުރައްވާފައެވެ. އަދި ރައީސް ރަމަފޯސާގެ ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވަމުން، ސައުތު އެފްރިކާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލުހައާއި، ތަރައްޤީއާއި، ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު އޮތް ގާތްކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ހައި ކޮމިޝަނަރު ޑރ. ހާލާ ހަމީދު ހާމަކޮށްދެއްވިއެވެ. އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެ ޤައުމުގެ ސަރުކާރު ގުޅިގެން މަސައްކަތައް ރޭވުމަށް ތައްޔާރަށް ތިއްބެވިކަން ވެސް ހާމަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ޑރ. ހާލާ ހަމީދުގެ އަރިހުގައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

