logo

ރާއްޖޭގައި ކެމިކަލް އަދި އެންޓިބަޔޮޓިކް ކުނި ރައްކާތެރިކަމާއެކު ނައްތާލުމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވައިފި

މަރްޔަމް
4 ގަޑިއިރު ކުރިން

ރާއްޖޭގައި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ބެލެހެއްޓުމަށްޓަކައި މުއައްސަސާތައް ހަރުދަނާކޮށް، ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން، އެންޓިބަޔޮޓިކް ކުނި ރައްކާތެރިކަމާއެކު ނައްތާލުމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި 14 މުއައްސަސާއަކުން 21 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އެންޓިބަޔޮޓިކް ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، މިފަދަ ކުނި ރައްކާތެރި ގޮތުގައި ބެލެހެއްޓުމާއި ނައްތާލުމުގެ ދާއިރާއިން ކަމާބެހޭ އިދާރާތަކުގެ ފަންނީ ގާބިލުކަން ހަރުދަނާކުރުމެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަންމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ނިޒާމް ވަނީ، ކެމިކަލާއި ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށްޓަކައި ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ކުނި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ގާއިމުކުރެވިފައިވާ އުސޫލުތަކާއި އިޖުރާއާތުތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ސަބަބުން އެންޓިބަޔޮޓިކްގެ ބާވަތްތަކުގެ ކުނި ނައްތާލުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެވި، ތިމާވެއްޓަށާއި އާންމު ސިއްހަތަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކުނި މެނޭޖްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.


ad