logo

ހއ އަތޮޅުގެ ކަރަންޓު ޚިދުމަތާއި ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ

މަޒީ
14 ގަޑިއިރު ކުރިން

ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުން އައި ޔުޓިލިޓީ ހުރިހާ ޚިދުމަތްތަކެއް ދިނުމާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ޚިދުމަތާއި ހަވާލުވުމަށްފަހު އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ އިތުރުން، އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އެ ސިޓީގެ ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ ޚިދުމަތްތައް ދިނުމާ ވެސް ސްޓެލްކޯއިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.

ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

ad