ރައީސުލްޖޫހިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑި ސާޖިދާ މުހައްމަދު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސްގެ ދެކަނބަލުނ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅު ކުރެއްވީ މިމަހުގެ 20-22 ހަށެވެ.ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ޕާކިސްތާނުން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ވަނީ ސޮއި ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ސިއްޚީ ދާއިރާ، ދިފާއީ، ވަޔާއި ކަނޑުގެ ދަތުރުފަތުރާއި، ވިޔަފާރީގެ ދާއިރާ އަދި ޓޫރިޒަމް ދާއިރާ އާއި ގުޅުން ހުރި އެއްބަސްވުންތަކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމްވެސް ބާއްވާފައިވެއެވެ. އެ ފޯރަމްގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.
އެ ފޯރަމްގެ ތެރެއިން ރައީސް މުއިއްޒު ވަނީ ވަރަށް އަވަހަށް ގައުމީ އެއާލައިން މޯލްޑިވްސްގެ ސީދާ ދަތުރުތައް ޕާކިސްތާނުގެ ކަރާވީއަށް ފަށާނެކަން އިއުލާން ކުރައްވާފައެވެ.
ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ދެކަނބަލުން ވަނީ ހާއްސަ ފަރިއްކޮޅެއްވެސް ބާއްވާފައެވެ.
މީގެ އިތުރުން ރައީސްގެ ދެ ކަނބަލުން ވަނީ ޕާކިސްތާނުގެ ތާރީހީ ތިން ބިނާއަކަށް ޒިޔާރަތް ކުރައްވާފައެވެ. ފަސްޓް ލޭޑީ ސާޖިދާ ވަނީ ޕާކިސްތާނުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށްވެސް ޒިޔާރަތް ކުރައްވާފައިވެއެވެ.

