ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސިޔާސަތު ކަމަށްވާ ޕީޖީއޯ 2.0 މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަޝްރޫއަކީ ޒަމާނުއްސުރެ ކާރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ފަށާފައިވާ މުހިއްމު މަޝްރޫއެކެވެ.
މީގެ ބޭނުމަކީ އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު، ދެފުއްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމެވެ. ޓެކްނޮލަޖީގެ އެހީގައި ހުރަސްތައް ނައްތާލައި، ޕްރޮސިކިއުޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މަޝްރޫޢާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ޕްރޮސިކިއުޓަރުންގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެ، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ހަލުވިވެގެންދާނެއެވެ. މީގެ އިތުރުން، ހެކި ވަޒަންކުރުމާއި ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތުވެސް ސަލާމަތްކުރެވޭނެއެވެ. ނަމަވެސް، އޭއައިގެ އެހީތެރިކަން ހޯދި ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުން ކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ހެއްކާ ބެހޭ ޤާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާއިޢުކޮށްފައިވާ "އެވިޑެންސް: އަ ޕްރެކްޓިޝަނަރ ގައިޑް" ފޮތް، އުއްތަމަ ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އިޤްތިޞަދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެ އިތުރުން، ޕީޖީ އޮފީހުގެ ކައުންޓަރުތަކަށް ނުގޮސް އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މަގުފަހިކޮށްދޭ "ވާޗުއަލް ދޮރޯށި" ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިފްތިތާޙުކޮށްދެއްވިއިރު، ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތަކާއި، ކޯޓުތަކުގެ ނިންމުންތަކުގެ އިތުރުން އިނގިރޭސި ތަރުޖަމާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ "ލެތުން" މޯބައިލް އެޕްލިކޭޝަން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

