އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންތަކަކީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކެކެވެ.
ފުލުހުން ހިންގި ފުރަތަމަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެއީ އަޙްމަދު ލީން ފާރޫޤު (27އ)، ސ. ފޭދޫ / ހަނދުވަރު، އަދި ޢަބްދުﷲ ފަޒީން (41އ)، ސ. މަރަދޫފޭދޫ / ސޭންޑީބީޗް އެވެ. މި މައްސަލާގައި ހައްޔަރުކުރި ތިންވަނަ މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ މަރަދޫފޭދޫގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ.އަޙްމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

