logo

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބު ރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވީ ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތައްފަދަ ހަރަކާތަތްކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވަމުންދާ މަސައްކަތުގައި މުހިންމު ހަރަކާތްތަކެއް ކަމަށެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ މަހާސިންތާތަކުގައި ހިއްސާކުރާ މައުލޫމާތަކީ ބަދަލުވަމުން އަންނަ ދުނިޔެއަށް މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ad