logo

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީ ކުރި ބައި ހަވީރު ހުޅުވާލަނީ

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރުން ފެށިގެން ބޭނުންކުރެވޭނެއެވެ. މިއީ ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދެކެވެ.

މަގު ހުޅުވާލި ނަމަވެސް ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި މިހާތަނަށް 3،100 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވެސް ވަނީ ޒޯނެއް ވަނީ ހަދައިފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުއެވެ. އެ މަޝްރޫޢު ކުރިއަށް ދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްގީކޮށް 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫއަކީ 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ad