ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނަށް އަމާޒުކޮށްގެން، ވާހަކަދެއްކުމުގެ ހުނަރާއި މީޑިއާއާ މުއާމަލާތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އިންފޯކަސް: ޕޮލިސް ކޮމިއުނިކޭޝަން" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ފުލުހުން ނޫސްވެރިންނާއި އާންމު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ފަންނުވެރިކަން އިތުރަށް ތަރައްގީކުރުމަށްޓަކައި ޕޮލިސް މީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ. މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ 2026 ނޮވެންބަރު 5 ވީ ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގގެ މަލްޓިޕަރޕަސް ހޯލުގައެވެ.
މި ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ހެޑް އޮފް ޕޮލިސް މީޑިއާ، އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޢަލީ ވާހަކަފުޅުދެއްކެވިއިރު، ޝަރަފުވެރި މެހެމާނު މުޙައްމަދު ޙުސައިން ޝަރީފްވެސް ވަނީ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޕަބްލިކް ސްޕީކިންގ ހުނަރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ތައްޔާރުވާނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން އާންމުންނާ މުހާތަބުކުރާއިރު ސާފުކޮށް އަދި އިތުބާރާއެކު މުއާމަލާތްކުރާނެ ގޮތްތައް ބަޔާންކޮށްދެއްވައި ޕަބްލިކް ސްޕީކިންގ ސެޝަން ނަންގަވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި އިންތިޒާމުކުރުމާ ގުޅޭގޮތުން މައުލޫމާތު ދެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ޖިނާޙެވެ. މި ސެޝަންތައް ނަންގަވައިދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ވަނީ އެބޭފުޅުންނަށް ހަނދާނީ ފިލާ އަރުވާފައެވެ.
މި ވޯކްޝޮޕްގެ މެންދުރުފަހުގެ ދަންފަޅި ހާއްސަކޮށްފައިވަނީ ފުލުހުންގެ މީޑިއާ ޕޮލިސީއާއި، ޕްރެސް ބްރީފިންގތައް ދިނުމުގެ އަމަލީ ތަޖުރިބާތަކަށެވެ. މި ބައި ކުރިއަށްގެންދެވީ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް އެންޑް ކޮންޓެންޓް ޓީމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ފިރާޒްގެ އިތުރުން ޕޮލިސް މީޑިއާ ޓީމުގެ މެމްބަރުންނެވެ. މި ސެޝަންގައި މީޑިއާ ޕޮލިސީއާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަމާއި، މީޑިއާއަށް ތެދު މައުލޫމާތު އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމާއި، އާންމުންގެ ސަމާލުކަން ބޮޑަށް ލިބޭ ފަދަ ހާދިސާތަކުގައި މުއާމަލާތްކުރާނެ ގޮތްތަކުގެ ތަމްރީނު ދެވުނެވެ. އަދި ނޫސްވެރިން ކުރާ އެކި ސުވާލުތަކަށް ޖަވާބުދާރީވުމާއި ޕްރެސް ބްރީފިންގތަކަށް ތައްޔާރުވުމުގެ އަމަލީ ފަރިތަކުރުންތައްވެސް ބައިވެރިން ކުރިއަށްގެންދިޔައެވެ.
މަސައްކަތު ބައްދަލުވުން ނިންމުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ފުލުހުންގެ ކޮމިއުނިކޭޝަން ހުނަރުތައް ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މިފަދަ މުހިންމު ޕްރޮގްރާމެއް އިންތިޒާމުކުރި ކަމަށްޓަކައި ޕޮލިސް މީޑިއާއަށް ޝުކުރުއަދާކުރެއްވިއެވެ. މީގެއިތުރުން، ކުރިމަގުގައި މުއައްސަސާގެ އެހެނިހެން ފުލުހުންނަށް އަމާޒުކޮށްގެންވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ރޭވިފައިވާތީ، މި ޕްރޮގްރާމްގެ އޮނިގަނޑާއި ހިންގާ ގޮތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަގުހުރި ލަފާތަކެއް ސީޕީ ވަނީ ދެއްވާފައެވެ.

