އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި ބޭއްވި "އަހާބަލަ" މުޒާހަރާގައި ނަޝީދު ވިދާޅުވީ ގައުމުގެ މިސްރާބު އެއްކޮށް ބަދަލުވެގެންދާ ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި އެގޮތުން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެމަނިކުފާނުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) 25 އަހަރަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރީ ރައްޔިތުންގެ ވޯޓަކަށް ނުގޮސް ކަމަށްވާއިރު، އެއީ ހެދުނު ބޮޑު "ގޯހެއް" ކަމަށެވެ.
"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ،" ނަޝީދު ވިދާޅުވި އެވެ.
"އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ. ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ."ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރެޒިޑެންސީ ޕްރޮގްރާމުތައް ހިންގުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އެކަށީގެންވާ ބިން އޮތްއިރު، މާލެ ކައިރީގައި އެފަދަ މަޝްރޫއެއް ހިންގުމަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ބޭނުންވާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ނަޝީދު ވަނީ ދައުވަތު ދެއްވާފަ އެވެ.
ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދަ ވޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

