logo

ސްކޭމުން ހޯދާ ފައިސާ ދައުރުކުރަން ސްކޭމަރުން މިހާރު ޑްރައިވަރުންނާއި ޑެލިވަރީ ޕްލެޓްފޯމްތައް ބޭނުން ކުރަން ފަށައިފި

މަރްޔަމް
6 ގަޑިއިރު ކުރިން

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފާ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް ނެގުމަށް "ރައިޑް ހެއިލިން" އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ސްކޭމް ހިންގާ މީހުން ފަހަކަށް އައިސް ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި، އެހެން މީހަކާ ހަވާލުކޮށްދިނުމުން، އިތުރު ފައިސާ ނުވަތަ ބޮޑު ޓިޕްސްއެއް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންދާ ކަމަށެވެ.

އެއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ހީވި ނަމަވެސް އެފަދަ ކަންކަމުގައި ބައިވެރިވުމުގެ ސަބަބުން ނޭނގި ނަމަވެސް މާލީ ބޮޑު ކުށެއްގައި ބައިވެރިވެވުމުގެ ބޮޑު ނުރައްކަލެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެގޮތަށް ސްކޭމްތައް ހިންގުމުގައި އެންމެ ފުރަތަމަ އެޕްލިކޭޝަނެއް މެދުވެރިކޮށް އާދައިގެ ދަތުރަކަށް ނުވަތަ ޑެލިވަރީއަކަށް ރިކުއެސްޓް ފޮނުވަ އެވެ.

ޑްރައިވަރު އެ ރިކުއެސްޓް ގަބޫލުކުރުމުން، އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްތަކުން ބޭރުން ސީދާ ޑްރައިވަރަށް ގުޅައިގެން ތަފާތު ބަހަނާތައް ދައްކައި، ޑްރައިވަރުގެ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، އެ ފައިސާ އޭޓީއެމުން ނަގައި ވަކި މީހަކާ ނުވަތަ ތަނަކާ ހަވާލުކުރުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަށް އެއްބަސްކުރުވުމަށްޓަކައި ދަތުރުގެ އަސްލު އަގަށް ވުރެ އިތުރަށް ބޮޑު ޓިޕްސްއެއް ދިނުމަށް ހުށަހަޅަނީ އެވެ.

ފުލުހުން ބުނީ އެގޮތަށް ޓްރާންސްފާ ކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ވަގަށް ނަގާފައިވާ ފައިސާ ކަމަށެވެ. އެ ފައިސާ ނަގައި އެހެން މީހަކާ ހަވާލުކުރުމުން، ނޭނގި ނަމަވެސް އެ އެހީތެރިވެވެނީ ވަގަށް ނުވަތަ ސްކޭމް ކޮށްގެން ހޯދައިވާ ފައިސާ ދައުރުކުރުމަށާއި އެ ފައިސާ ދައުރުވި މަގު ފޮރުވުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، އެފަދަ މުއާމަލާތްތަކުގެ ސަބަބުން ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން ބުންޏެވެ. އެ ނުރައްކާތަކުގެ ތެރޭގައި އަމިއްލަ ބޭންކް އެކައުންޓް ފްރީޒް ކުރުން ނުވަތަ ބޭނުން ކުރުން ހުއްޓުވުމާއި، ޙަލާލް ގޮތުގައި ހޯދާ އާމްދަނީއަށާ ދުވަހުން ދުވަހަށް ހިންގާ މާލީ މުއާމަލާތް ތަކަށް ހުރަސް އެޅުމާއި ، މާލީ ގޮތުން ގެއްލުން ތަކަ ކުރިމަތި ލާން ޖެހި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ އިތުރުން ޖިނާއީ ތަހުގީގް ތަކަށް ހާޒިރު ވާން ޖެހި މައްސަލައިގެ ކުޑަ ބޮޑު މިނުން ޤާނޫނީ ފިޔަވަޅު އެޅުން ހިމެނެއެވެ.

ފުލުހުން ބުނީ ނަގުދު ފައިސާއާ ހަވާލުވުމަށް ފަހު، ސްކޭމަރުން ފިލައިގެން ދާއިރު، އެ ފައިސާއާ ގުޅިގެން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހޭނީ އެކައުންޓްގެ ވެރިފަރާތަށް ކަމަށެވެ.

ފައިސާގެ މުއާމަލާތްތަކާ ގުޅޭ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އެހެން މީހުންނަށް އަމިއްލަ އެކައުންޓް ބޭނުންކުރަން ނުދިނުމަށާއި ބޭންކިން މައުލޫމާތާއި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދަތުރާއި ޑެލިވަރީ ފަދަ ހިދުމަތްތަކުގައި ހަމައެކަނި ހިދުމަތުގެ ސައްހަ އަގު ބަލައިގަތުމަށާއި އެކައުންޓަށް ޝައްކުކުރެވޭ ފައިސާއެއް ޖަމާވެއްޖެ ނަމަ އެ ފައިސާ ބޭނުންނުކޮށް ވަގުތުން ބޭންކަށާއި ފުލުހުންނަށް އަންގައި ހެކި ރައްކާތެރިކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ފުލުހުން ވަނީ އަމިއްލަ އެކައުންޓަކީ ތިމާގެ ޒިންމާއަކަށް ވުމުން، އެހެން ބަޔަކު ކުރާ ކުށެއްގެ ސަބަބުން ގާނޫނީ އަދި މާލީ ގެއްލުމަކާ ކުރިމަތިނުވާނެހެން ސަމާލުވެ، ޝައްކުކުރެވޭ ކަންކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް އެދިފަ އެވެ.

ad